އީރާނުގެ ދެކުނުގެ ބަނދަރެއްގައި ހިނގި ބޮޑު ގޮވުމެއްގައި ފަސްމީހުން މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޝަހީދު ރަޖާއީ ބަނދަރުގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އާއި ގުޅިގެން ހޯމޯޒްގާން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މެހްރްދާދް ހަސަންޒާދާ ވަނީ ސަރުކާރުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިހާތަނަށް 5 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

އޭނާ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު ގޮވުން ހިނގިކަން އެނގުމާއެކު ހުރިހާ އޭޖެންސީތަކެއް ވަނީ ވަގުތުން މޮބިލައިޒްކުރެވިފައެވެ. އަދި މިހާރު ހާލަތު ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް އެމަޖެންސީ އޯގަނައިޒޭޝަނުން އެންމެ ފަހުން ދީފައިވާ އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް މަދުވެގެން 700 މީހުން ވަނީ ޒަޚަމްވެ، ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންދެވިފައެވެ.

ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އެކްސް ގައި ޕޯސްޓްކުރެއްވި ބަޔާނެއްގައި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާ، މި ހާދިސާ ހިނގި ސަބަބު ބެލުމަށް އަމުރުކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތެރޭގެ ކަންކަމާ ބެހޭ ވަޒީރު އިސްކަންދަރު މޯމެނީ ވަނީ "މި ހާދިސާގެ އެކި ދިމާތައް ފުންކޮށް ތަޙުޤީޤުކުރުމަށާއި، ޒަޚަމްވެފައިވާ މީހުންގެ ހާލު ބެލުމަށް" އޭނާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އެ ސަރަޙައްދަށް ފޮނުވާފައެވެ.