18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައިވާނެކަމަށް ޕީޖީ އޮފީހުން މިރޭ ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މި އިރުޝާދުތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ.

Ad
rt

ޕީޖީގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށް ހާމަކޮށްފައިވާ އިރުޝާދުތައް

  • މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދެންނެވުން،
  • މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް އެންގުން،
  • ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުން،
  • މީގެ އިތުރުން، މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން،

މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް ޕީޖީ އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާމެދުވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.