މުލަކަތޮޅު (މ.އަތޮޅު) ގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓު، މުލީގައި އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ އެ އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ.

ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަރޕޯޓަށް އިއްޔެ ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ.

Ad
rt

އެސެސްމަންޓްތައް ނިންމައި، މުލީ އެއާޕޯޓަށް ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ހާމަކޮށްފައެވެ.

މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިފެށޭ ހަފްތާގައެވެ. މި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސް މުޙައްމަދު މުޢިއްޒު އެވެ.

2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ.

މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.