އިކްއެޑޯގެ ޕެސިފިކް ސަރަޙައްދަށް ހުކުރު ދުވަހު 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިކަމަށް ޔޫރަޕިއަން މެޑިޓަރޭނިއަން ސައިސްމޮލޮޖިކަލް ސެންޓަރުން ރިޕޯޓްކޮށްފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ރޭގަނޑު 6:45 ގައި (1145 ޖީ.އެމް.ޓީ) އުތުރު ހުޅަނގު ސަރަޙައްދުގެ އެސްމެރަލްޑާސް ސިޓީ ކައިރީގައި، ބިމުގެ އަޑިން 30 ކިލޯމީޓަރު (18.6 މޭލު) ފުންމިނުގައެވެ.

Ad
rt

މި ބިންހެލުމުގެ ސަބަބުން މަދުވެގެން 20 މީހުންނަށް އަނިޔާވެ، 60 ގެއަކަށާއި، ޞިއްޙީ މަރުކަޒަކަށާއި، އަސްކަރީ އިމާރާތަކަށް ގެއްލުން ލިބިފައިވެއެވެ.

ބިންހެލުމުގެ ސަބަބުން އުފެދުނު ޑެބްރީސް ތެރޭގައި ރައްޔިތުން ހިނގާބިނގާވެ އުޅޭ މަންޒަރު ފެނުނެވެ. އަދި ބައެއް މީހުން މަގުމައްޗަށް ވެއްޓިފައިވާ ފާރުތައް ސާފުކުރުމުގެ މަސައްކަތުގައި ވެސް ޝާމިލުވެފައިވެއެވެ.

ލޯކަލް މީޑިޔާތަކުން ރިޕޯޓްކުރި ގޮތުގައި އެސްމެރަލްޑާސްގައި ކަރަންޓް ކެނޑިފައިވެއެވެ. ސަރުކާރުގެ ހަކަތައިގެ ކުންފުނި ޕެޓްރޯއެކުއެޑޯން ބިންހެލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެސްމެރަލްޑާސް ރިފައިނަރީގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ބުނެފައިވެއެވެ.

މި ބިންހެލުން ވަނީ، ވެރިރަށް ކީޓޯ ހިމެނޭގޮތުން، ޤައުމުގެ މަދުވެގެން 10 ސަރަޙައްދެއްގައި އިހުސާސްކުރެވިފައެވެ. އަދި އިކްއެޑޯއާ އިންވެގެންވާ ކޮލޮމްބިޔާގައިވެސް މި ބިންހެލުން އިހުސާސްކުރެވުނުކަމަށް ރިޕޯޓްކުރެވިފައިވެއެވެ.

އިކްއެޑޯގެ އިދާރާތަކުން ފުރަތަމަ ޕެސިފިކް ސަރަޙައްދަށް ސުނާމީގެ އިންޒާރެއް ދީފައިވީނަމަވެސް، ފަހުން މި އިންޒާރު ބާޠިލްކުރެވުނެވެ.

ރޯމްގައި، ޕޯޕް ފްރާންސިސްގެ ޖަނާޒާގައި ބައިވެރިވުމަށް ހުންނެވި ރައީސް ޑެނިއަލް ނޮބޯއާ، ސޯޝަލް މީޑިޔާގައި ވިދާޅުވެފައިވަނީ، ސަރުކާރުން ވަނީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި، އިންސާނީ އެހީތެރިކަމުގެ ކިޓްތައް ފޯރުކޮށްދިނުމާއި، މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިންތިޒާމް ކުރައްވާފައިކަމަށެވެ.

އިކްއެޑޯ އޮންނަނީ ނަޒްކާ އަދި ދެކުނު އެމެރިކާގެ ޓެކްޓޮނިކް ޕްލޭޓްތަކުގެ މައްޗަށްކަމުން، އެތަނުގައި ދާއިމީކޮށް ބިންހެލުންތައް އާދެއެވެ.