ނީސް އަތުން ބަލިވެ، ޕީއެސްޖީން މި ސީޒަނުގައި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައިވާއިރު، އެ ޓީމުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ، ލީގުގައި ފުރަތަމަ ކުޅުނު 30 މެޗުން ވެސް ބަލިނުވެއެވެ. ރޭ 31 ވަނަ މެޗުގައި އެ ޓީމް ވަނީ ނީސް އަތުންބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފައެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތީ 31 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް މާސޭއަށް 30 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ތިންވަނާގައި މޮނާކޯ އޮތީ 30 މެޗުން 54 ހަމަކޮށްގެންނެވެ.

މި ސީޒަންގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕީއެސްޖީން ރޭ މެޗުގައި ވެސް ވަނީ ގޭމް ކޮންޓްރޯލްކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނީސް އިންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ސެންސަން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 41 ވަނަ މިނެޓުގައި ޖަހައިދިނީ ފަބިއަން ރުއީޒްއެވެ.

ނީސް އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައެވެ. މި ލަނޑު ވެސް ޖަހައިދިނީ ސެންސަންއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑައިޝިމިޔޭއެވެ.

ދެން ޕީއެސްޖީއަށް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އާސެނަލްއާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗެވެ. އެ މެޗު ކުޅޭނީ އާސެނަލްގެ ދަނޑުގައެވެ.