ކަޝްމީރުގައި ފަތުރުވެރިން ތަކަކަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަކާ ގުޅިގެން އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެއްޖެއެވެ.
މި ދެ ޤައުމުގެ މެދުގައި އޮތް އެއްބަސްވުންތައް ހުއްޓާލުމާއި، ދެ ޤައުމުގެ މެދުގައި އޮތް ހަމައެކަނި ޤާނޫނީ އިމިގްރޭޝަން ބޯޑަރު ބަންދުކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.
ބުދަ ދުވަހު އިންޑިޔާއިން ވަނީ އިންޑަސް ވޯޓަރސް ޓްރީޓީ ހުއްޓާލާފައެވެ. މިއީ މި ދެ ނިއުކްލިއަރ ބާރު އޮތް ޤައުމުގެ މެދުގައި އިންޑަސް ބޭސިންގެ 6 ކޯރުގެ ފެން ބެހުމަށް އޮތް އެއްބަސްވުމެކެވެ. މި ފިޔަވަޅާ ގުޅިގެން ޕާކިސްތާނުން ވަނީ މިއީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ބުނެ، އެއީ "ހަނގުރާމައިގެ ޢަމަލެއް" ކަމުގައި ބެލެވޭނެ ކަމަށް އިންޒާރު ދީފައެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ އަންގާރަ ދުވަހު އިންޑިޔާގެ ބައެއް ކަމުގައިވާ ޖަމްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގައގައި ހިނގި ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެންނެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 25 ފަތުރުވެރިންންނާއި، ރަށުވެއްސެއް ހިމެނެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީގެ ބައްދަލުވުމެއް ބާއްވާ، އިންޑަސް ވޯޓަރސް ޓްރީޓީ ހުއްޓާލުމަށް ނިންމާފައެވެ. މީގެ އިތުރުން، އިންޑިޔާގައި ހުރި ޕާކިސްތާނުގެ ޑިޕްލޮމެޓިކް މިޝަންގައި ތިބި ޕާކިސްތާނުގެ މިލިޓަރީ އެޑްވައިޒަރުން ވަނީ ބޭރުކޮށްލާފައެވެ. އަދި ޕާކިސްތާނުގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ އަދަދުވެސް ވަނީ މަދުކޮށްފައެވެ.
ސާކް އެއްބަސްވުމުގެ ދަށުން ޕާކިސްތާނު ރައްޔިތުންނަށް ދޫކުރެވިފައިވާ ވިސާތައްވެސް ވަނީ ހުއްޓާލާފައެވެ. ބުރާސްފަތި ދުވަހު އިންޑިޔާއިން ވަނީ ޕާކިސްތާނަށް ދޫކުރާ ހުރިހާ ބާވަތެއްގެ ވިސާއެއް ހުއްޓާލާނެ ކަމަށާއި، ޕާކިސްތާނުގައި ތިބި އިންޑިޔާ ރައްޔިތުން ވީހާވެސް އަވަހަކަށް އެނބުރި އައުމަށް އެދިފައެވެ.
މީގެ އިތުރުން، ޕާކިސްތާނާ އިންޑިޔާއާ ދެމެދު އޮތް ހަމައެކަނި ހުޅުވިފައިވާ އެއްގަމު ބޯޑަރު ކަމުގައިވާ ވާގާ-އަޓާރީ ބޯޑަރުވެސް ވަނީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!