ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި އެ ކުއްޖާ ވެއްޓުނު ގޭގައި އެ ކުއްޖާއާއި އެންމެ ފަހުވަގުތާއި ހަމައަށް އުޅުނުކަމަށް ފުލުހުންގެ ތަހްގީގަށް ފާހަގަވެފައިވާ ޒުވާނާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ ކުއްޖާ ވެއްޓިފައި ވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެރޭ އެ އަންހެން ކުއްޖާ ވެއްޓުނު ގޭތެރޭގައި އެ ކުއްޖާ އާއި އިތުރު ފިރިހެންކުއްޖަކު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް ނޫސްވެރިންނަށް ދައްކާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ވެއްޓުނު ކުއްޖާއާއި އެންމެ ފަހުވަގުތާއި ހަމައަށް އުޅުނުކަމަށް ބެލެވޭ ރައުދު އަހްމަދު ޒިލާލް އެއްބާރުލުން ނުދޭތީ، އޭނާ ހައްޔަރުކުރުމަށް ކޯޓު ޢަމުރަކަށް އެދިފައިވާކަމަށެވެ.

ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް ކުރިން ފުލުހުން ބުނެފައިވާއިރު، އޭނާ މިހާތަނަށް ހުރީ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައެވެ. އޭނާގެ އިތުރުން ދެން މި މައްސަލާގައި ތުހުމަތުވާ އެންމެންގެ ވެސް ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށެވެ. އަދި އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.