ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް، އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން މިއަދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުން ދާއޫދު އަޙްމަދު، އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރަށްވާފައިވާ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން އަންހެންކުއްޖަކު ވެއްޓިފައިވާ މައްސަލަ ހޫނުވެެެފައި ވަނިކޮށެވެ. މި މައްސަލާގައި ޒުވާނުންތަކެއް ރޭ ވަނީ ފުލުހުންގެ ތަހްގީގް ހިންގާ މަރުކަޒު ކައިރިއަށް އެއްވެ އިހްތިޖާޖް ވެސް ކޮށްފައެވެ.

މި މައްސަލާގައި މައުލޫމާތު ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްވާ ޕްރެސްކޮންފަރެންސެއް މިވަގުތު ކުރިއަށް އެބަދެއެވެ.