ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ އަވަށެއްކަމަށްވާ ޕެހެލްގާމްގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލައި ގިނަ ބަޔަކު ޒަޚަމުކޮށްލި އެ ހިތާމަވެރި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ހައިރާންކަމާއެކުގައިކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގައި ދިވެހިރާއްޖެއިން ސާބިތު ޢަޒުމެއްގައި ދެމިއޮތްކަން ހާމަކުރައްވައި، އިއްޔެގެ މި ހަމަލާއިންވެސް ހަނދާންކޮށްދެނީ، ބައިނަލްއަޤުވާމީ އެއްބައިވަންތަކަމާއި، އެއްބާރުލުމާއި ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ މިންވަރުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި ވަނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، ހަމަލާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ބޮޑުވަޒީރާއި ރައްޔިތުންނާއެކުގައި ހުންނެވިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައިވެސް، ތައުޒިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ވެސް މި ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާގައި މަރުވި ކުށެއްނެތް މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ޚަބަރުން އެ މަނިކުފާނަށް ސިހުން ލިބިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.
"މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންގެ ފިކުރުތައް ވަނީ އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކާއެކުގައި،" ރައީސް މުއިއްޒު ވިދާޅުވެފަވެއެވެ.
މި ހަމަލާ ދީފައި ވަނީ ޓޫރިސްޓުންނަށް އަމާޒުކޮށެވެ. ބަޑިން ދިން މި ހަމަލާތަކުގައި ވަނީ 24 މީހުންވަނީ މަރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!