އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ފޮރެސްޓުން ޗެމްޕިއަންސް ލީގުގެ އުންމީދު ދަމަހައްޓައިފިއެވެ. ރޭ ރަށުން ބޭރުގައި ފޮރެސްޓުން ވަނީ 2-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ.

ލީގުގެ ގަދަހަތަރަކަށް ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ރޭ ލިބުނު މޮޅާއިއެކު ފޮރެސްޓް ވަނީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލާފައެވެ. ހަތަރުވަނާގައި 33 މެޗުން 59 ޕޮއިންޓް ހޯދައިގެން ނިއުކާސަލް އޮތްއިރު، ފަސްވަނާގައި އޮތް ސިޓީއަށް 33 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ހަވަނާގައި އޮތް ޗެލްސީއަށާއި ހަތްވަނާގައި އޮތް އެސްޓަންވިލާއަށް ވަނީ 57 ޕޮއިންޓް ލިބިފައެވެ.

Ad
rt

ގަދަ ހަތަރެއްގައި ނިންމައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމަށް މި ޓީމްތަކުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް މެޗުތައް އިތުރަށް ފޯރިގަދަވެގެންދާނެއެވެ.

ރޭ މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ފޮރެސްޓުންނެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނެޓުގައި އެންޑަސަން ޖަހައިދިން އިރު ދެވަނަ ލަނޑު 16 ވަނަ މިނެޓުގައި ޖަހައިދިނީ ވުޑް އެވެ. ޓޮޓެންގަމްގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރިޗާލިޝަންއެވެ.

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި އެސްޓަން ވިލާ ބައްދަލުކުރާނެއެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު ބާރަޖަހާއިރުއެވެ. މި މެޗުގެ ވާދަވެރިކަން ބޮޑުވާނެއެވެ. ސަބަބަކީ މި ދެ ޓީމަކީ ވެސް ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން މަސައްކަތް ކުރަމުން އަންނަ ދެ ޓީމަށް ވުމެވެ. މި ދެ ޓީމްގެ ދެމެދުގައި މިވަގުތު އޮތީ ވެސް ޕޮއިންޓެއްގެ ފަރަގެކެވެ.