ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނެނީ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން، ކޯޓު އަމުރެއްގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގުމަށް ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ތަޙުޤީޤުގެ ބޭނުމަށް ފޮޓޯ އާއި ސާމްޕަލް ނަގާނީ އެ މައްސަލައެއްގެ ތަޙުޤީޤަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ. އަދި މިވަގުތު މީޑިއާގައި ދައުރުވަމުންދާ ޕޮލިސް ޗިޓަކީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވާފައިވާ ޗިޓެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ބަޔާން ނެރުމުގެ ސަބަބަކީ އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން އުފެދުނު ބަހުސްތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.