މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މާދަމާ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
މިއީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އެ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއިވެސް ބައްދަލުކުރައްވާނެއެވެ.
ދަތުރުފުޅުގެ މުހހިއްމު ހަރަކާތްތަކުގެ ތެރޭގައި:
- 23 އޭޕްރިލް 2025 ވާ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމުވެ މަޣްރިބު އަދި ޢިޝާ ނަމާދު ކުރެއްވުން
- 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުން
- 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި ޢާންމުންނަށް ދެއްވާ ބޮޑު ދަރުސް
- 25 އޭޕްރިލް 2025 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި ދަތުރުފުޅަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ދަތުރުފުޅަކީ ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު އަދި ތާރީޚީ ދަތުރުފުޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރުގެ ދަތުރުފުޅުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާކުރެވިފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ.
24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި އޮންނަ ޢާންމު ދަރުހުގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު ދެއްވާ ދަރުސް ތަރުޖަމާކޮށްދެއްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދިވެހި ރައްޔިތުންގެ ކިބައިން އެދިފައިވަނީ، މި ތާރީޚީ ދަތުރުފުޅުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ޚާއްޞަކޮށް އިސްލާމީ މަރުކަޒުގައި އޮންނަ ބޮޑު ދަރުހާއި ހުކުރު ނަމާދުގައި ބައިވެރިވުމަށެވެ. އަދި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!