މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް އައު މެމްބަރަކު ހޯދުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނަވަނީސަފާ ޝަފީޤު އެވެ. ކޮމިޝަންގެ ނައިބު ރައީސް އަކީ ޝިފްލާ އިބްރާހީމެވެ. ކޮމިޝަނަރުންގެ ގޮތުގައި އެ ކޮމިޝަންގައި މިހާރު ތިއްބެވީ މުހައްމަދު ޢަބުދުﷲ (މުހައްމާ) އާއި އާމިނަތު އަމީނާ (އަނާ) އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތެވެ.
ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!