ގަން އިންޓަނޭޝަނަލް އެއަރޕޯޓް މަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި ވަގަށް އެތެރެކުރަން އުޅެނިކޮށް 130،155 ސިނގިރޭޓް ވަނީ އަތުލައިގަނެވިފައެވެ.

Ad
rt

ކަސްޓަމްސްއިން މިކަން ހާމަކުރި ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އަދި ސާފުވެފައެއް ނުވެއެވެ. އަދި މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކުރަން އުޅުނީ ކޮން ބަޔަކުކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.

މިއީ ފަހަކަށް އައިސް ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ. މިގޮތުން މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކު ކަސްޓަމްސްއިން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް، އެދެ ވެއަރހައުސްގެ ރަޖިސްޓްރީ މިދިޔަ ފެބްރުއަރީ މަހު ވަނީ ބާޠިލްކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި އެ ދެ މައްސަލަވެސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުން އައުމާ ގުޅިގެން، ކަސްޓަމްސްއިން ވަނީ އެއަރޕޯޓުތަކުގައި ސަމާލުކަން އިތުރުކޮށް، ޗެކްކުރުންތައް ހަރުދަނާކޮށްފައެވެ.