ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
މީގެ އިތުރުން ސީއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ރަސްމިއްޔާތުގައި މުޖްތާޒާ ޙަވާލުކުރަށްވާފައެވެ.
މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މުޖުތާޒް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!