އެންދެރި މަޝްރޫޢުގެ ދަށުން ތިމާވެށީގެ ދާއިރާއިން ކިޔެވުމަށް ދޭ ސްކޮލަރޝިޕަށް މިއަހަރު ހޮވިފައިވާ ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމާއި، އެންދެރި މަޝްރޫޢުގެ 2024 ވަނަ އަހަރުގެ ސްކޮލަރޝިޕްގެ ދަށުން ތިމާވެށީގެ ދާއިރާއިން ސެޓްފިކެޓް ކޯސް ފުރިހަމަ ކޮށްފައިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު އާއި، އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް، އަދި ލާމު އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
މިއަހަރުގެ އެންދެރި ސްކޮލަރޝިޕް ޚާއްޞަކޮށްފައިވަނީ އެމް.އެން.ޔޫ އިން އަލަށް ތަޢާރަފް ކޮށްފައިވާ ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ލ. ގަމު ކެމްޕަހުގައި ކިޔެވުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށެވެ.
މި ސްކޮލަރޝިޕަށް މިއަހަރު ޖުމްލަ 12 ދަރިވަރުން ވަނީ ހޮވިފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ އެންދެރި ސްކޮލަރޝިޕްގެ ދަށުން އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަންމަންޓް މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 6 ދަރިވަރަކުވެސް ހިމެނެއެވެ.
އެންދެރި މަޝްރޫޢަކީ ތިމާވެށީގެ ދާއިރާއިން ޤައުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ތިމާވެށީގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދެމުން އަންނަކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!