ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ.
މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 7 ޖަހާއިރު މި މީހާ މަސްހިފަން ފޭބިތަނުން މިޔަރު އެރިގޮތައް އަރާ ގައިގަ ހިފުމަށްފަހުު މީހާ ގޮވައިގެން އަޑިއަށް ދިއުމަށް ވަނީ މަސައްކަތްކޮށްފައެވެ.
ކޭއާރުއެޗުގައި މަސައްކަތް ކުރަމުންދާ އޮފިޝަލަކު މަައުލޫމާތުދެއްވި ގޮތުގައި މި ހަމަލާއާ ގުޅިގެން އަނިޔާ ލިބުނު މީހާގެ ކަނާތު ކޮނޑާއި އަތް ވަނީ ވަރަށް ބޮޑަށް ޒަަހަމްވެފައިވާއިރު ކޮނޑުހުޅުންވެސް ވަނީ ނެއްޓިފައެވެ.
މިޔަރު ހަމަލާދީ ޒަޚަމްކޮށްލާފައި
މިވަގުތު މި މީހާ ގެ ހާލަތު ސްޓޭބަލް ނަމަވެސް އިތުރު ފަރުވާ އަށް ލޭ މަނާކޮށް ކޮނޑުހުޅު އެޅުވުމަށް ފަހު ޕްލާސްޓިކް ސާރޖަރީއަށް މާލެ ފޮނުވާލުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް ކޭއާރުއެޗުން މައުލޫމާތު ދިނެވެ.
މި ހާދިސާގައި ޒަހަމުވެފައިވަނީ 30 އަހަރުގެ ކުޅުދުއްފުށީ މީހަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ހަމަލާ ދިނީ "ބްލެކް ޓިޕް" ކިޔާ އާދައިގެ މިޔަރެކެވެ.
މި ފަހަކަށް އައިސް މީހުންނަށް މިޔަރުގެ ހަމަލާއާއި ކުރިމަތިވުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.
މިޔަރަށް ލިބިދީފައިވާ ގާނޫނީ ރައްކާތެރިކަމާއެކު އެ ސޮރުމެންގެ އާބާދީ ރާއްޖޭގެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެ، މަސްވެރިންނާއި ފީނާ މީހުންނަށް އުނދަގޫވާ ދަރަޖައަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!