މުދަލުގެ ހަގީގީ މިލްކުވެރިފަރާތަކީ ﷲ ތައާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާއި ހަވާލުވެހުރި ފަރާތަށްވީއިރު، އެ މުދާ ހޭދަކުރަންވާނީ އެކަލާންގެ އަންގަވާފައިވާ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅިވެއްޖެއެވެ.

ހުތުބާގައި ވިދާޅުވީ އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ހިލާފު ނިޒާމެއް ކަމަށެވެ. މި ނަޒަރިއްޔާއިން ބަލާއިރު މުދަލުގެ ހަގީގީ މިލްކުވެރިފަރާތަކީ ﷲ ތައާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާއި ހަވާލުވެހުރި ފަރާތަށްވީއިރު، އެ މުދާ ހޭދަކުރަންވާނީ އެކަލާންގެ އަންގަވާފައިވާ ގޮތުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad
rt

އިލްމުވެރީން ވިދާޅުވާގޮތުގައި މުދަލުގެ ހައްގު އަދާކުރުމަކީ އެ މުދަލުން ޒަކާތް ދިނުން ކަމަށާއި، މީހެއްގެ އަތުގައި ރައްކާކޮށް ހަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުތު ހަމަވެ، ހިޖުރީގޮތުން އަހަރު ފުރިހަމަވެއްޖެނަމަ އެއިން ޒަކާތް ދައްކަން ޖެހޭނެކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުތުބާގައި ވިދާޅުވީ އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަގީރުމީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަމަށާއި، ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ.

މުދަލު ޒަކާތަކީ ފަގީރުންނާއި މިސްކީނުން ނިކަމެތި ހާލަތުން އަރައިގަނެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީ، ޒަކާތުގެ ހައްގުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދޭ ނިޒާމެއް ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެ، މުޖުތަމައުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ހަޒާނާކޮށް، އިގްތިސާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ހުތުބާގައި ވިދާޅުވ ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލް ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށާއި، މި އުންމަތަކީ އެއް އުންމަތެއް ކަމަށެވެ. އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަހާއަށް އެހީތެރިވުން ކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީން ބާރުއަޅަނީ ހަލާލު މަސައްކަތުން ރިޒުގު ހޯދުމަށް ކަމަށާއި، ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ ކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހައްގުތަކަށް އަރައިގަތުމެއް ނޫން ކަމަށް މިއަދު ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހު ފިޠުރު ޒަކާތްދެއްކުމުން ފުދުނީ ކަމަށާއި، އަނެއް ބަޔަކު ދެކޭ ގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

މީގެއިތުރުން މުދަލު ޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ މި ފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވައިފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެއެވެ. މިއަދުގެ ހުތުބާގައި ވެއެވެ.