ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ޞިއްޙަތާބެހޭ ވުޒާރާއިން އިއްޔެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޢަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެކެވެ.

Ad
rt

އިޞްލާޙު ގެނެވުނު ޤާނޫނުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތަކުން، ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ޞިއްޙަތާބެހޭ ވުޒާރާއިން ދޫކުރާ ޞައްޙަ ލައިސަންސެއް އޮންނަންވާނެއެވެ. މި ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލައިސަންސް ނެގުން ލާޒިމުކޮށްފައިވެއެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ހަތަރު ބާވަތެއްގެ ލައިސަންސް ދޫކުރާނެ ކަމަށް އަންގާފައިވެއެވެ. އެއީ:
1. ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
2. ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސް
3. ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް
4. ދުންފަތުގެ އައު ބާވަތެއް ރަޖިސްޓަރީކުރުމުގެ ލައިސަންސް

މި ލައިސަންސްތައް ދޫކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް ނެގުމަށާއި އައުކުރުމަށް ފީ ދައްކަންޖެހޭނެ ކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސަށް 5,000 ރުފިޔާ އަދި އެހެން ލައިސަންސްތަކަށް 10,000 ރުފިޔާގެ ފީއެއް ކަނޑައަޅާފައިވެއެވެ.

ލައިސަންސަށް އެދި ހުށަހަޅަންޖެހޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށެވެ.

ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ އެންމެހައި ފަރާތްތަކުން އިއްޔެއިން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ނަގަންވާނެ ކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން އަންގާފައިވެއެވެ.

މި ފިޔަވަޅަކީ ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށާއި، ދުންފަތުގެ ވިޔަފާރި ޤަވާޢިދުގެ ތެރެއަށް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.