ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލްގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފްއެވެ.

މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތަކުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފޭސްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައެވެ. މި ކެމެރާތަކުގެ ކޮންޓްރޯލް އަދި ސާވަރ ގާއިމުކުރެވޭނީ ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުގައެވެ.

މި މަޝްރޫޢުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުވެ، އަދި ކުށްތައް ހުއްޓުވުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިފަދަ ނިޒާމެއް ގާއިމުކުރެވުމުން ބަނދަރު ސަރަހައްދުގައި ހިނގާ ހާދިސާތައް ބެލުމަށާއި، ތަޙްޤީޤުކުރުމަށް ވެސް ފަސޭހަވެގެންދާނެއެވެ.