ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގެ މެޗުގައި ވެސް ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ވާދަކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގައި ކުޅެފައިވަނީ އާސެނަލްގެ ދަނޑުގައެވެ. މޮޅު ކުޅުމެއް ދައްކައި އާސެނަލުން އެ މެޗުގައި ރެއާލުގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ރެއާލުގެ ދަނޑުގައި ކުޅުނުއިރު، އާސެނަލުން ވަނީ 2-1 ގެ ނަތީޖާއިން ރޭ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އާސެނަލަށް ސެމީން ޖާގަ ލިބިފައިވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މިއީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލުން ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން، އެ ޓީމުން ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ. އާސެނަލުން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް ކަޓުވާލައި، އެ ފަހަރު ފައިނަލުގައި ކުޅުނެވެ. އެކަމަކު، ފައިނަލުން ބާސެލޯނާ އަތުން ބަލިވީއެވެ.

ރޭ މެޗުގައި ވެސް އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ރެއާލުން މެޗު ކޮންޓްރޯލްކުރި ވަގުތުތަކުގައި އާސެނަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޓީމެއްގެ ގޮތުގައި މޮޅު ޑިފެންސެއްކޮށް ލިބޭ ބޯޅަތައް ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކުރަމުން ދިޔަތަނެވެ. މީގެއިތުރުން ލިބޭ ފުރުސަތުތަކުގައި ޓީމު ކުރިއަށްޖެހި ރެއާލުގެ ގޯލަށް ނުރައްކާކުރިތަނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް އާސެނަލަށް ލިބުނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އާސެނަލަށް ލިބުނު ޕެނަލްޓީ ބުކަޔޯ ސަކާ ފޮނުވާލިއިރު، ރެއާލްގެ ކީޕަރ ކޯޓުއާ ވަނީ ހުޝިޔާރުކަމާއިއެކު އެ ޕެނަލްޓީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީ އާސެނަލަށް ލިބިފައިވަނީ ކޯނަރެއް ޑިފެންސް ކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ރެއާލްގެ ޑިފެންޑަރ އެސެންސިއޯ އާސެނަލްގެ މެރީނޯގެ ގައިގައި ހިފެހެއްޓުމުންނެވެ. ރެފްރީ މި ޕެނަލްޓީ ދީފައިވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ.

މެޗުގެ ފުރަތަމަ ލަނޑު އާސެނަލުން ޖެހީ 65 ވަނަ މިނެޓުގައެވެ. މެރީނޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ސަކާއެވެ. އޭގެ ދެ މިނެޓްފަހުން ސަލީބާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވިނީސިއަސް ވަނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން އާސެނަލް މޮޅުވި ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ މާޓިނެލީއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ، ޕީއެސްޖީއާއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލް ވާދަކުރާ ތިންވަނަ ފަހަރެވެ. މިހާތަނަށް އާސެނަލަކަށް އަދި ޕީއެސްޖީއަކަށް ވެސް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކުރެވިފައިނުވެއެވެ.