ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

2022 ޖެނުއަރީ 22 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައިގެ ތަޙުޤީޤުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލުތައް ކޮށް އަދި 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވެއެވެ. ނަމަވެސް، މަތީގައި މި ތަޙުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

Ad
rt

އޭގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަޙުލީލުތަކުންވެސް ފެނިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ތަޙުޤީޤު ކޮށް 2022 އޭޕްރިލް 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާޙުތައް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވެއެވެ.

ފުލުހުން ބުނީ، މި އިސްލާޙުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ނުނިމި އޮތް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.