ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތަކެއް ފަށައިފިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަށްކޮށް މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުންކަމަަށް އެ ވުޒާރާއިން ބުންޏެވެ.
މި ދަތުރުގައި ސީއެފްއެންއޭގެ ވަފުދުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. އިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ޤަވާއިދުތަކާއި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ސީއެފްއެންއޭގެ ދިރާސާ ޓީމުން ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމަށް އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި، އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުރި ފުރުޞަތުތަކާއި، ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވުނު ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!