ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި، ކަމާބެހޭ ސަރުކާރުގެ އޮފީސްތަކާއެކު އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމައިފިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެ މަހާސިންތާގައި އުލިގަމަށް ޔޮޓްތައް ގެނައުމަށް އެކުލަވާލާ އެކްޝަން ޕްލޭން އާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

Ad
rt

އެ މަހާސިންތާގައި ކަސްޓަމްސް ސަރވިސަސްގެ އިތުރުން ރައީސް އޮފީހާއި، ޓޫރިޒަމް މިނިސްޓްރީއާއި، ޓްރާންސް ޕޯރޓް އޮތޯރިޓީއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، ކޯސްޓް ގާޑާއި، ހެލްތު މިނިސްޓްރީގެ އިތުރުން ނޭޝަނަލް ބޯޓިންގ އެސޯސިއޭސަނާއި، އެމްއައިޓީޑީސީއާއި، ޕޯރޓްސް ލިމިޓެޑާއި، އަދި އުލިގަމް ކައުންސިލުން ބައިވެރި ވެއެވެ.

އޭގެ އިތުރުން ޔޮޓް އޮޕަރޭޓް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައްވެސް ބައިވެރިވެއެވެ.

މި މަހާސިންތާގައި އުލިގަމް ކައުންސިލް ފަރާތުން ބައިވެރިވަނީ ކައުންސިލް ރައީސާއި، ނައިބު ރައީސް އެވެ.

އުލިގަމު ކައުންސިލް ނައިބު ރައީސް އިމާދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާދަމާ ފެށޭ މަހާސިންތާއާއި މެދު ފޮނި އުންމީދެއް ކުރައްވާ ކަމަށެވެ. އިމާދު ބުނުއްވީ 2005 ވަނަ އަހަރާއި ހަމައަށް އެވްރެޖްކޮށް އުލިގަމު ބަނދަރަށް 100 އަށް ވުރެ ގިނަ ޔޮޓް ބަނދަރު ކުރަމުން ދިޔަ ކަމަށެވެ. އެ އަހަރުތަކުގައި އެންމެ ދަށްކޮށްވެސް 79 ނުވަތަ 68 އިން މަތީގައި ޔޮޓް ބަނދަރު ކުރާ ޢަދަދު ހުރިކަމަށެވެ.

އިމާދު ބުނެފައިވަނީ 2005 ވަނަ އަހަރަށް ފަހުން އެ ޢަދަދު ބޮޑު ތަނުންދަށްވެ އަަހަރަކު ޔޮޓް ބަނދަރު ކުރާ ޢަދަދު 15 ނުވަތަ 20 އަށްވެއްޓުނު ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު 44 ޔޮޓް ބަނދަރު ކޮށްފައިވާ ކަމަށާއި، މިހާރު އެ އަދަދު މަޑު މަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ޔޮޓް އަންނަ ޢަދަދު އިތުރު ކުރުމަށް އެ ކައުންސިލުން ލޯކަލް އޭޖެންޓުން މެދުވެރިކޮށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށާއި އެގޮތުން ދަތުރުވެރިން މެދުވެރިކޮށް ބްލޮގަރތަކުގައި ޕޮޒިޓިވްކޮށް ލިޔުއްވުމާއި، ވެބްސައިޓްތައް މެދުވެރިކޮށް އިސްތިހާރު ކުރެއްވުމުގެ މަސައްކަތް ކުރާކަމަށް އިމާދު ބުނެފައިވެއެވެ.

އިމާދު ބުނެފައިވަނީ ޔޮޓް ބަނދަރު ކުރާ ޢަދަދު އިތުރުވެ، ފަތުރުވެރިން އެ ރަށަށް އަންނަ ޢަދަދު އިތުރު ވުމަކީ، ރަށުގެ ރައްޔިތުންނަށް އޭގެ ނަފާ އިތުރުވާކަމެއްކަމަށާއި، ސަރުކާރަށްވެސް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމެއްކަމަށެވެ.

އުލިގަމު ބަނދަރަށް އަހަރެއްގެ ތެރޭގައި ޔޮޓް އެންމެ ގިނައިން އަންނަނީ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް މަހުއެވެ.