ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން އދ. އަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވާން އދ. އިން އަންގައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.
އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެ މައްސަލަ އދ. ގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެ މައްސަލާގައި އަންނަ ޖޫން މަހުގެ ކުރިން ޖަވާބުދާރީވުމަށް އދ. އިން މިހާރު ވަނީ ދިވެހި ސަރުކާރަށް އަންގައިފަ އެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އޭނާ އާއި އިތުރު ދެ ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!