ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށް، އެތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމްބަސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

Ad
rt

މި ތާރީޚީ ފެށުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތުރުކީގައި އެމްބަސީއެއް ގާއިމްކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މި އެމްބަސީ މެދުވެރިކޮށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ލިބޭނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި އެމްބަސީ ވާނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ މުހިންމު ޕްލެޓްފޯމަކަށް ކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މި އެމްބަސީ ހުޅުވުމާއެކު، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ދިގު މުއްދަތުގެ އެކުވެރިކަމާއި އިޤްތިޞާދީ އަދި ސަޤާފީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ތުރުކީގައި ދިވެހި އެމްބަސީ ގާއިމްކޮށްފައި ވަނީ އެ ގައުމުގެ ވެރިރަށް އަންކާރާ ގައެވެ.