އއ. ރަސްދޫގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް މިރޭ ނިޔާވެއްޖެއެވެ.
އުމުރުން 31 އަހަރުގެ އަލީ ޝާމިން ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވަނީ މީގެ ކުރިން، 31 މާރޗް ގައެވެ. އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު، އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައެވެ. ހާދިސާގައި އެ ދެމަފިރިންގެ ގައިގައި 80-90 ޕަސެންޓަށް އަލިފާން ރޯވެފައިވާ ކަމަށް ވެއެވެ. ނަމަވެސް، އެ ދެމަފިރިންގެ އުމުރުން 5 އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޕޮލިސް މީޑިއާ އިން އެއިރު މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފައެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ. ނަމަވެސް، އެ މީހުންގެ ގައިގައި އެހާ ބޮޑަށް އަލިފާން ރޯވި ގޮތެއް އަދި ސާފެއް ނޫނެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަމުން އަންނަ ކަމަށް އެއިރު ވިދާޅުވިއެވެ. ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!