ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހުޅުމާލޭގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް އަދި ދިވެހިރާއްޖޭގެ މާލީ ވަޒީރު މޫސާ ޒަމީރެވެ.
މި މަޝްރޫޢު އިފްތިތާޙުކުރެވުނީ ސަޢުދީ ފަންޑުގެ ސީއީއޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
400 ހައުސިން ޔުނިޓް އިމާރާތްކުރަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ގެތަކަކީ މެދު އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ގެތަކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެދޮރުގެ ޙައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫޢަކީ ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!