ފެނަކަ ކޯޕަރޭޝަން އިން އައިސްޕްލާންޓު ގަތުމުގައި ކޮރަޕްޝަން ހިމެނޭތީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މައިފޫނާ / ގދ.ވާދޫ) އާއި ކުރީގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު (ހިންމިޔާ / ރ.އުނގޫފާރު) ގެ މައްޗަށް ދަޢުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ލ. މާމެންދޫގައި ހުރި ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ އިއްޔެ އެވެ.
އޭސީސީގެ ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި، 2023 ވަނަ އަހަރު ފެނަކައިގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި އައިސްޕްލާންޓް ގަތުމަށް ނިންމާފައިވަނީ އެއީ ކުންފުންޏަށް ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެއެވެ. މީގެ އިތުރުން، ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަޙްމަދު ސަޢީދު މުޙައްމަދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މަޢުލޫމާތު ދީފައެވެ.
އަދި، މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އައިސްޕްލާންޓްގެ ވެލުއޭޝަންގެ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ވަނީ ހާމަވެފައެވެ. ފެނަކައިގައި މިފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ހުރި ނަމަވެސް، މާކެޓް ވެލިއު ނުހޯދައި، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި ދެ ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދެ ކުށަކަށެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭގޮތަށް ނުވަތަ އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ނިންމާފައިވަނީ ތަޙްޤީޤަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މިހާރު މި މައްސަލަ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!