ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެގޮތުގައި 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން،އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 ސައުދީ ރިޔާލް (ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާ) އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެފަރާތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު ސޮއިކުރަށްވާފައިވާއިރު، ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާންމުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހަމަޖެހިގެން ދިޔަ އިތުރު މާލީއެހީގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރުބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަޢޫދީ ފަންޑުން ވަނީ މީގެ ކުރިން ވެސް ވީއައިއޭގެ ތަރައްގީއަށް އެހީވެދީފައެވެ.

މީގެ އިތުރުން ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ.