އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.
ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.
ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒްއެވެ.
ސަލާހްގެ މި މެޗުގައި ހެދި އެސިސްޓާއިއެކު އޭނާއަށް ވަނީ ޕްރިމިއާ ލީގުގައި ގޯލުޖެހުމާއި ގޯލު ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި، ލަނޑު ޖެހުމާއި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ޖުމްލަ އެކު، 45 އަކަށް އެރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. ކުރިން މި ރެކޯޑް އޮތީ 44 ގޯލާއި އެސިސްޓް އެއް ސީޒަނެއްގައި ހެދި މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި އާސެނަލްގެ ތިއަރީ އޮންރީ އަތުގަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ރޮބާޓްޝަން އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާ ހަމަހަމަވި ނަމަވެސް މެޗުގެ ފަހު މިނެޓްގެ ތެރޭގައި ވެންޑައިކް ވަނީ ލަނޑުޖަހައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ލީގު ކާމިޔާބު ކުރުމަށް ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓްވެ. މިވަގުތު އެ ޓީމް އެއްވަނާގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 32 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!