މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއޯ) 2025 ވަނަ އަހަރަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ.
މި ޕްރޮގްރާމަކީ އެ އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި މުޖުތަމައު ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ހިންގާ އައު އަދި ކުދި މަޝްރޫއުތަކަށް ފަންޑު ދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ މަޝްރޫއަކަށް ގިނަވެގެން 200،000 ރުފިޔާގެ ފަންޑިންގ ދޫކުރެވޭނެއެވެ. އަދި މަޝްރޫއުގެ މުއްދަތު ގިނަވެގެން 12 މަސް ދުވަހަށް ވުރެ ދިގުވެގެން ނުވާނެއެވެ.
2025 ވަނަ އަހަރުގެ ޕްރޮގްރާމުގެ ތީމަކީ "ދެމެހެއްޓެނިވި އަދި އެކުލެވޭ މުޖުތަމައުތަކެއް ބިނާކުރުން" އެވެ. މި ތީމުގެ ދަށުން މަޝްރޫއުތައް އަމާޒުކުރަންވާނީ މުޖުތަމައުގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، މުޖުތަމައުގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށާއި، އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށެވެ.
މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މެއި 2025 ވާ ބުދަ ދުވަހުގެ 16:00 އެވެ. މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ ރަޖިސްޓަރީ ކޮށްފައިވާ ލޯކަލް އެންޖީއޯތަކަށާއި، ސިވިލް ސޮސައިޓީ ޖަމްއިއްޔާތަކަށާއި އަދި ތައުލީމީ މުއައްސަސާތަކަށެވެ.
ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރެވޭނީ ޖަމްއިއްޔާގެ ޤާބިލުކަމަށާއި، މަޝްރޫއުގެ ވިސްނުމާއި ދެމެހެއްޓެނިވި ގޮތް، އިޖްތިމާއީ، އިޤްތިޞާދީ އަދި ތިމާވެށްޓަށް ކުރާނެ އަސަރު، އަދި ބަޖެޓާއި ރޭވުންތެރިކަމާއި ވަސީލަތްތައް ބޭނުންކުރާ ގޮތަށް ބަލައިގެންނެވެ. އިވެލުއޭޝަންގެ ނަތީޖާ ހުރިހާ ފަރާތްތަކަށް އަންގާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!