އިސްރާއީލޭ ކިޔުނު ޔަހޫދީ ޖަމާއަތުން ފަލަސްތީނުގެ މުސްލިމް އާބާދީ ނެތިކޮށްލަން ދަނީ ހުއްޓުމެއްނެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވާގިވެރިވަމުން އަންނައިރު، މުސްލިމް ޤައުމުތައް ވަނީ އިސްރާއީލާއި ކުރިމަތި ލުމަށް ފަސްޖެހިފައެވެ. މަދު އިސްލާމީ ޖަމާއަތެއް މެނުވީ އިސްރާއީލާއި ދެކޮޅަށް ތެދުވަން ކެރިފައެއްނުވެއެވެ.
އިސްރާއީލްގެ ރަހުމެތްނެތް އަނިޔާގައި ކޮންމެ ދުވަހަކު ޣާއްޒާގެ އެތައް މުސްލިމުންނެއް ދަނީ ޝަހީދު ކުރަމުންނެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، ދުވަސްވީ މީހުން ހިމެނޭހެން ހުރިހާ އުމުރުފުރާއެއްގެ މީހުން ޝަހީދުކޮށް މުސްލިމް އާބާދީ ފަނާކޮށްލަން ދަނީ ރަހްމެއްނެތް ޢަމަލުތައް ހިންގަމުންނެވެ. އަދި ދުވަހެއް ދުވަހެއް އިސްރާއީލްގެ އަނިޔާވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
މި ހިތްދަތި ވަގުތުގައި އިސްލާމީ އުންމަތަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)ގެ ނަސޭހަތަކީ މިއެވެ.
''ތިބާއަށް ކުޅަދާނަވީ ކޮންމެ ގޮތަކުން ވެސް ފަލަސްޠީނަށް އެހީތެރިވާށެވެ. ތިބާއަށް ކުރެވޭ ކަންތައް އެހެން އެންމެންނަކަށް ނުކުރެވޭނެކަން ހަނދާނުގައި ބަހައްޓައިގެން، ތިބާއަށް އެންމެ ރަނގަޅަށް ކުރެވޭތޯ މަސައްކަތްކުރާށެވެ. އެމީހުންގެ ޙާލަތު ތަފާތުވެދާނެއެވެ. ހެޔޮ ވިސްނުން ގެންގުޅޭށެވެ. އެމީހުންނަށް އިތުބާރުކުރާށެވެ. އަހަރެން އަބަދުވެސް ބުނަމެވެ. އަހަރެން ކުރާ ކަންތައް ތިބާއަކަށް ނުކުރެވޭނެއެވެ. އަދި ތިބާ ކުރާ ކަންތައް އަހަރެންނަކަށް ނުކުރެވޭނެއެވެ. އެކުގައި އަހަރެމެން ކާމިޔާބު ވާނަމެވެ." މުފްތީ މެންކް ވިދާޅުވެފަވެއެވެ.
މުފްތީ މެންކް
މުފްތީ މެންކް އިތުރަށް ވިދާޅުވެފައި ވަނީ، ތިބާ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރާކަށް ނުޖެހޭކަމަށެވެ. އަދި ތިބާ ކުރަންޖެހެނީ ހަމައެކަނި ﷲ އަށްޓަކައި ތިބާއަށް ކުޅަދާނަވެގެންވާ ކަންތައްތައްކަމަށެވެ.
''ތިބާގެ އަމާޒަކީ ﷲ ކަމުގައިވާނަމަ، ތިބާއަށް މާ ގިނަ ކަންތައްތައް ކުރެވޭކަން ދެކެ ތިބާ ހައިރާންވާނެއެވެ. އެހެންކަމުން ކުރިއަށް ދާށެވެ، ތިބާގެ އެންމެ ރަނގަޅު ގޮތުގައި މަސައްކަތްކުރާށެވެ، އަދި އެހެން ކަންތައްތަކަށް އަހަމިއްޔަތުކަމެއް ނުދޭށެވެ.'' މުފްތީ ވިދާޅުވެފަވެއެވެ.
އަހަރެމެން މުސްލިމުންގެ ދުޢާއަކީ އިސްރާއީލާއި، އެ މީހުންނަށް ވާގިވެރިވާ އަނިޔާވެރިންގެ ކިބައިން ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުލިބުމެވެ. އިސްލާމް ދީނުގެ އަދުއްވުންގެ ކިބައިން ސަލާމަތްތެރިކަން ހޯދޭނޭ އިސްލާމީ ހިތްވަރު އުފަންވެގެން އައުމެވެ. ސުލްހަވެރި އަމާން، ރަހުމްހުރި ދުނިޔެއެއް ލިބުމެވެ.
އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!