އެ ވާހަކަ ތަކަކީ ތެދު ވާހަކަތަކަކަށް ވިޔަސް، އަދި ދޮގަކަށް ވިޔަސް މި ވަގުތު އޭނާ އެންމެ ކަންބޮޑުވަނީ ހަސަންއާ ބެހޭ ގޮތުން އެ ފަދަ ހުތުރު ވާހަކަތަކެއް ދައްކާކަން އެނގުނީމައެވެ. އެ މީހުންގެ ކައިވެނީގެ މަތިވެރި ގުޅުމަށް ހުތުރު ނަމެއް ލިބުނީތީއެވެ. އަދި ހަސަންގެ ނަން، ކިލަނބުވެފައި އޮތްކަން އެނގުނީތީއެވެ.
އެނބުރި ގެއަށް ގޮސް ވަތް އިރު މަރިޔަމްއަށް ހުރީ ރޮވިފައެވެ. ނަމަވެސް އެ ދެ ލޮލުގައިވާ ކަރުނަތައް ބާލާނެ ފުރުސަތު ވެސް އޭނާއަށް ނެތް ކަހަލައެވެ. އެއީ ލޯބިވާ ދެ ދަރީންގެ ހިތުގައި ސުވާލު އުފެދި، އެ ކުދިން ދެރަވާނެތީއެވެ. ހަށިގަނޑުން ހަކަތަ ހުސްވެ، ދެ ފައިން ވާގި ދާ ކަހަލަ އިހްސާސްތަކެއް އޭނާއަށް ކުރެވެން ފެށިއެވެ.
ބަދިގޭގައި ފެން ބަނޑިޔާ ބެހެއްޓި ގޮތަށް މަރިޔަމްއަށް އެ ފިޔަވަޅުމަތީ އެތައް އިރެއް ވަންދެން ހުރެވުނެވެ. ނަމަވެސް އެކަމާ ވިސްނަން ހުރެގެން، ދުވަހުގެ މަސަައްކަތްތަކަށް ބުރޫ އަރާނެކަން ވެސް އޭނާއަށް އެނގެއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މަރިޔަމް ހިނގައިގަތީ ދަރުބަދިގެއާ ދިމާލަށެވެ. ރޭގައި ހަސަން ކައްކާފައި ހުރި މަސްތައް އަވީއްލުމަށްޓަކައި އޭނާ މަސައްކަތް ފެށިއެވެ. ގޯތިތެރޭގައި ހުރި ދިގު ދުމަށި މަތީގައި މަސްތައް ޖަހާ ނިންމާލެވުނު އިރު އޭނާ މުޅިން ވަރުބަލި ވެއްޖެއެވެ.
" މަންމާ. ކުލާހަށް ދާން." ސާމިހް ބުނެލިއެވެ.
އޭރު ސާމިހް ހުރީ އަމިއްލައަށް ތައްޔާރު ވެގެންނެވެ. އެ ދަރިފުޅަށް ސައި ނުދެވި އުޅެނިކޮށް ކުލާހަށް ދާ ގަޑި ޖެހުނީތީ މަރިޔަމް ވަރަށް ދެރަވިއެވެ. ހަސަންއާ ގުޅިގެން އިވުނު ހަބަރާއެކު މަރިޔަމްގެ ހަރަކާތްތައް ލަސްވެ، މަސަައްކަތް ވެސް މާ ބޮޑަށް ލަސްވީއެވެ. ކުރަންޖެހޭ އެންމެ މުހިއްމު ކަންތައްތައް ނުކޮށް ދޫކޮށްލެވުނީއެވެ.
ސާމިހްގެ މައުސޫމް މޫނަށް މަރިޔަމްއަށް ބަލައިލެވުނެވެ. އެ ދަރިފުޅަކީ އެންމެ ކްލާހެއް ވެސް ދޫކޮށްލަން ބޭނުން ނުވާ ކުއްޖެއްކަން މަރިޔަމްއަށް އެނގއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުކައި ސާމިހު ފޮނުވާކަށް މަރިޔަމް ބޭނުމެއް ނުވިއެވެ.
" ދަރިފުޅު ސައިތަށި ބޮއިގެން ދާންވާނީ. އާދޭ ބަދިގެއަށް. " މަރިޔަމް ބުންޏެވެ.
" އޭރުން ގަޑި ޖެހޭނެ. މުދައްރިސް ގަޑި ޖެހޭ ކުދިން ބޭރުގައި ބައިތިއްބާނެ." ސާމިހް ބުންޏެވެ.
ވަރުބަލިކަމާއެކު މަރިޔަމް ހިނިތުންވެލިއެވެ. ހަމަ އެ ވަގުތެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ދަރުބަދިގެ ބޭރުގައި ލައްކޮށްފައި ހުރި ކެޔޮގަނޑެވެ. އެއީ ރޭގަ ހަސަން ކަނޑާލި ކެޔޮގަނޑުކަން މަރިޔަމްއަށް އެނގުނެވެ.
އޭނާ އަވަސް އަވަހަށް ދެ ދޮންކެޔޮވަށް ގެނެސް ސާމިހްގެ އަތަށް ދިނެވެ.
" މި ކަމުންކަމުން ދޭ. މަންމައަށް މިއަދު ނުދެވޭނެ. މަންމަ މިއަދު އެހެން ދުވަސްތަކަށް ވުރެ މާ ބޮޑަށް ވަރުބަލި ވެއްޖެ." މަރިޔަމް ބުންޏެވެ.
އޭނާ ސާމިހްގެ މޫނުގައި ފިރުމާލުމާއެކު ސާމިހް ދޮންކެޔޮވަށް ހިފައިގެން ހިނގައިގަތެވެ. ލޯމަތިން ސާމިހް ގެއްލެން ދެން މަރިޔަމް ހުރީ ބަލަހައްޓައިގެންނެވެ.
ރިހާކުރު ކެކި ނިމުމާއެކު، ހާނިމް އުރާލައިގެން މަރިޔަމް ދިޔައީ ޖެހިގެން ހުރި ގޭ ހައްވަ ބަލައެވެ. ހަސަން ނެތިއްޔާ އަބަދުވެސް އުނދުން މަތިން ތާސް ބާލައިދެނީ ހައްވަގެ ދެމަރިފިންނެވެ. އެކަމަށް ޝުކުރުވެރި ވުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް މަރިޔަމް ހައްވައަށް ރިހާކުރު ލާއްސެއް ވެސް ދެއެވެ.
" މިއަދު މަރިޔަން ހާދަ ބަލިހެން ހީވެޔޭ. ހުން އައީތަ؟" ހައްވަ އެހިއެވެ.
އެއާއެކު މޫނުމަތީގެ އުދާސްތައް އެއް ފަރާތް ކޮށްލަމުން މަރިޔަމް ހިނިތުންވެލީ ގަދަކަމުންނެވެ.
" ހައްވައްތައަށް އެނގެއެއްނު .ބަނޑުބޮޑުވީމަ އަހަރެން އަބަދުވެސް ފަހުކޮޅު ވަރަށް ބަލިވާކަން. އެ ވަރުބަލިގަނޑު ހަމަ." މަރިޔަމް މަސައްކަތްކުރީ އޮޅުވާލާށެވެ.
ހައްވަ ދިޔުމާއެކު މަރިޔަމް އަވަސް އަވަހަށް ދަރިން ފެންވަރުވާ ރީތި ކުރިއެވެ. އަދި އެ ކުދިންނަށް އިރު ހުއްޓާ ކާން ދިނީ، ހަސަން އައުމުގެ ކުރިން ނިންދަވަން ބޭނުން ވާތީއެވެ. އޭނާއަށް ހަސަން ފެންނަ ވަގުތު އެ ވާހަކަ ދައްކަން އޭނާ ހުރީ ކެތްމަދު ވެފައެވެ. އޭގެ ކުރިން އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަން މަރިޔަމްއަށް އެނގެއެވެ.
އިރު އޮއްސި އަނދިރިވުމާއެކު ހަސަން ރަށަށް ފައިބައިފިއެވެ. މިއަދު އޭނާ ބާލަން މަރިޔަމް އައިސް ނެތުމުން ހަސަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނެވެ. މަރިޔަމް ކޮންމެ ހާލެއްގައި ވެސް އޭނާ މަހުން ލަފާ ތަނަށް އާދެއެވެ. މިއަދު މަރިޔަމް ނުފެނުމުން ހަސަން ބޭނުންވީ ވީހާ ވެސް އަވަހަކަށް ގެއަށް ދާށެވެ.
މިއަދު މަސްވެރިކަން ދަށް ވުމާއެކު އޭނާއަށް ލިބުނީ ހަމައެކަނި މާ ތޮޅިއެކެވެ. އެ ތޮޅި ތެލުލައިގެން ހޫނުކޮށް ކާލާ ހިތުން ހުރި ނަމަވެސް، މަރިޔަމް އައިސް ނެތުމުން އޭނާގެ މޫޑު މުޅިން ބަދަލުވިއެވެ.
އަވަސް ފިޔަވަޅުތަކާއެކު ހަސަން ގެއަށް ދިޔައެވެ. އަދި ބޭރު ވަޅު ކައިރީ، މާ ތޮޅި ބޭއްވުމަށްފަހު އޭނާ މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. މާ ދުރުން އޭނާ ދިޔައީ މަރިޔަމްއަށް ގޮވަމުންނެވެ.
ދޮރުކަނީގައި ދެ އަތް ވިދެލައިގެން ހުރެ ގޭ ތެރެއަށް އޭނާ ބޯ ދިއްކޮށްލަމުން އަނެއްކާ ވެސް މަރިޔަމްއަށް ގޮވާލިއެވެ.
" ނިންދަވަނީ." މަރިޔަމްގެ އަޑު އިވުނީ އެތެރެގެއިންނެވެ.
އެއާއެކު ހަސަންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ދެން އޭނާ މިސްރާބުޖެހީ އަވަސް އަވަހަށް ވަޅުދޮށާ ދިމާލަށެވެ. އާދައިގެ މަތިން ފެންވަރާލައިގެން، ބޭރު ސަތަރިމަތީ އޭނާ އަވަހަށް މަޣްރިބް ނަމާދު ކޮށްލިއެވެ. އެއަށްފަހު، މާތޮޅި ކަނޑާލަން އޭނާ އަވަސްވެ ގަތެވެ. އޭރު މަރިޔަމް ނިކުތްތަން އޭނާއަށް ފެނުނެވެ.
މަރިޔަމްއަށް ހަސަން ފެނުމާއެކު ދެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރީ ހިތްވަރު ކުރެވޭތޯއެވެ. އޭނާގެ ލޯބިވާ ފިރިމީހާއަކީ އެހާ ވިޔާނުދާ މީހެކޭ އޭނާގެ ހިތެއް އޭރު ވެސް ނުބުނެއެވެ. ދޮރުކަނީގައި ލެނގިލައިގެން މަރިޔަމް ހުރެވުނީ ހަސަންއަށް ބަލާށެވެ. އިރުއިރުކޮޅުން ހަސަން ވެސް އޭނާއަށް ބަލައިލާތަން ފެނެއެވެ.
" އާދެބަަލަ. ކީއްވެތަ ތިތާ ތި ހުރީ؟" ހަސަން ގޮވާލިއެވެ. ނުހަނު ލޯބިންނެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަރިޔަމް މަޑުމަޑުން ހިނގައިގަތެވެ. އަދި ވަޅާ މާ ދުރު ނޫން ހިސާބުގައި ބަހައްޓާފައި ހުރި ފަތްޖެހި އެނދުގައި އޭނާ އިށީނދެލިއެވެ.
" މިއަދު މަސްވެރިކަމެއް ނެތް. ދެ ތިން ތޮޅިޔާ ހަންޖެއް ބޭނީ. އަހަރެން ތޮޅި ނެގީ މަރިޔަމްއަށް ތޮޅި މާ މީރު ވީމަ. " ހަސަން ބުންޏެވެ.
" އަހަރެން މިރޭ ކާހިތެއް ނެތް." މަރިޔަމް ބުންޏެވެ.
އެއާއެކު ކުއްލިއަކަށް ހަސަންގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. މަރިޔަމްގެ ވަނދުވެފައިވާ އަޑުންް، އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ހަސަންއަށް އެނގުނެވެ.
" އަހަރެން އެކަނި ކާން މި ތެލުލާނެ ކަމެއް ނެތް ދޯ. އަދި ހޫނު ތެލުލިމަސް މުރަނަކޮށް ކާލާ ހިތުން މި އައީ." ހަސަން ބުންޏެވެ.
އޭނާ އެހެން އެ ބުނީ، މަރިޔަމްގެ ރައްދު ލިބެނީ ކިހިނެއްތޯ ބަލައިލާށެވެ. ނަމަވެސް މަރިޔަމް އެއްވެސް އެއްޗެއް ނުބުންޏެވެ.
" ނުކައްކައިފިއްޔާ މަސްކޮޅު ކުނި ވާނީ. އަހަރެން ދަންތަ މި ހައްވައްތަގެއަށް ދޭން؟ ގޭގައި ލައިގެންކާނެ އެއްޗެއް އެބަހުރިތަ؟" ހަސަން ހުއްޓާ ނުލައި ވާހަކަ ދައްކަމުން ދިޔައެވެ.
" ހުންނާނެ ވަޅޯމަހުގައި ރިހަ ކައްކާފަ. ކަޅު ކުކުޅު މިއަދު ބިސް އެޅީ. އެހެންވެ ބިސްރިހަ ކެއްކީ." އެހެން ބުނެ މަރިޔަމް ތެދުވެގެން ބަދިގެއާ ދިމާލަށް ދިޔައެވެ. ހަސަން އެއްޗެއް ބުނެލަން ދެން ވެސް މަރިޔަމް މަޑެއް ނުކުރިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް މަރިޔަމް ކަންތައް ކުރި ގޮތެއް ވެސް ނޫނެވެ.
މަސްގޮނޑިމަތީގައި ހުރި ތޮޅިބުރިތަކާ ދިމާލަށް ހަސަނަށް ބަލައިލެވުނެވެ. ކަމެއް ގޯސްވެއްޖެކަން ހަސަނަށް ހަމަ ޔަގީން ކުރެވުނެވެ. އެންމެ ފަހުން އޭނާ އެ ތޮޅިތައް ހިފައިގެން ހައްވައްތަ ގެއަށް ދާން ނިކުތެވެ.
އެނބުރި އައި އިރު، ބަދިގެ މޭޒުމަތީގައި ހުރީ ކާން ހަދާފައެވެ. ނަމަވެސް އޭނާގެ އިންތިޒާރަކު މަރިޔަމްއެއް ނެތެވެ. މޭޒާ ދިމާލަށް ބަލަހައްޓައިގެން ހަސަނަށް ހުރެވުނެވެ. ކާހިތް ނުވި ނަމަވެސް، ބަނޑުހައިވެފައި ހުރި ވަރުން އޭނާ އަވަސް އަވަހަށް ކާން ފެށިއެވެ.
މެދުގޭ ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑަށް ބަލަހައްޓައިގެން ހުރެ ހަސަން ދަތްކުދި ފުނަލުން ބޮލުގައި ފުނާ ހާކަމުން ދިޔައެވެ. ލޯގަނޑުގެ މަތީގައި އެލުވާފައި ހުރި ފުޅި ބައްތީގެ އަލިން މުޅި ގޭތެރެއަށް ހުރީ ފަނޑު އަލިކަމެއް ވެރިކުރުވާފައެވެ.
ކުއްލިއަކަށް ހަސަނަށް ފެނުނީ ތެޅިގަލުން ރާނާފައި ފާރު ތެރެއިން ލޯވަޅަކުން ވަރުގަދަ ބިޗުލެއް ނިކުންނަތަނެވެ. އަވަސް އަވަހަށް އޭނާ ގުދުވެ، ފައިވާންކިބަ ނަގައި، ބިޗުލުގައި ޖަހައިފިއެވެ. އެއާއެކު ތަޅުން މައްޗަށް ބިޗޫ ވެއްޓިއްޖެއެވެ.
" މި ކަމުން ވެސް ސަލާމަތެއް ނުވެ. ނަސީބެއް ދަރިއެއްގެ ގައިގައި ނުހަފާކަން." ހަސަނަށް ބުނެވުނެވެ.
ބޮޑުސޯޓު މަހާލައިގެން ގޮސް އޭނާ ކޮޓަރިއަށް ވަނެވެ. އެއާއެކު ފެނުނީ ބިއްދޮށަށް އެނބުރި އޮތް މަރިޔަމްއެވެ. މަރިޔަމްއަށް ބަލައިލުމަށްފަހު ހަސަން ގޮސް އެތެރެގެއަށް ވަނެވެ. އޭރު ދިމާއެނދުގައި ދެ ކޮޅަށް ބޯ ލައިގެން ދެ ދަރިން ނިދާފައި ތިއްބެވެ. ދެ ކުދިންގެ މޫނުމަތީގައި ވެސް ހުރީ އޮއްދާ ހިއްލާފައެވެ. އެ ކުދިންގެ ކައިރީ ހުއްޓި، އެނދުމަތީގައި އޮތް އަތު ފަންކަލުން އޭނާ ދެ ކުދިންނަށް ވައި ޖައްސަން އިރުގަނޑެއް ވަންދެއް ހުއްޓެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ވާހަކަތައް ލިޔެވެމުން ދެއެވެ.
" ލޯބިވާ ދަރީންނޭ. ބައްޕަގެ މި ޒުވާން އުމުރު، ނިދުމެއް، އަރާމެއް، ނެތި ބުރަ މަސައްކަތުގައި މި ހޭދަކުރަނީ ހަމައެކަނި ތި ދަރިންގެ އުފަލަށްޓަކައި. ތި ކުދިންގެ މުސްތަޤްބަލަށްޓަކައި. ތި ކުދިން ބޮޑެތި ވެެގެން ބައްޕަމެން މި އުފުލާ ބުރަ އުފުލާކަށް ފަހަރެއްގައި ވެސް ބައްޕައެއް ނޭދެން. ކިތަންމެ ކަނޑު ގަދަވެ، ވިއްސާރަ ވިޔަސް ފުރާނަ އަތްމައްޗަށް ލައިގެން އެ ކުޑަ ދޯނިގަނޑުގައި ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ބައްޕަ މުޅި ދުވަސް ހޭދަ ކުރަނީ ބިރު ނުގަންނާތީއެއް ނޫން. ސަބަބަކީ އެންމެ ދުވަހެއް ވެސް އެ ކަނޑަށް ނާރާ ހުރެއްޖެނަމަ، އެކަމުގެ އަސަރު ދަރިފުޅުމެންނަށް ކުރާނެތީ. ދުވާލުގެ ވަގުތު ތަކުގައި ދަރިފުޅުމެންނާއެކު މުޅި ދުވަސް ހޭދަކުރަން ބައްޕަ ވެސް ބޭނުން. އެކަމަކު ގެއަށް މި އާދެވެނީ ދަރިފުޅުމެން ވަރުބަލިކަމާއެކު ނިދާ ފަހުން. ދަރިފުޅުމެން އުރާލާނެ ފުރުސަތު ވެސް ބައްޕައަކަށް ނުލިބެ. ބައްޕަ އަބަދުވެސް ދުއާ ކުރަން، ބައްޕަ ދަރިފުޅުމެން ދެކެ މި ވާ ލޯބި ދަރިފުޅުމެންނަށް އަބަދުވެސް އިހްސާސް ކުރެވުމަށް." އޭރު ހަސަންގެ ދެ ލޮލުގައިވަނީ ކަރުނައެވެ. އޭނާ މަޑުމަޑުން ފަހަރަކު ކުއްޖެއްގެ ބޮލުގައި ފިރުމާލުމަށްފަހު އެނބުރި ނިކުމެއްޖެއެވެ.
ހިތުގެ އަޑިން މަރިޔަމް ހަސަންއަށް ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައީ އޭނާގެ ކައިރީގައި ހަސަން އޮށޯވެލުމުންނެވެ. އޭނާގެ ބަނޑުގައި އެއް އަތުން އަތް ޖައްސާލަމުން މަޑުމަޑުން ހަސަން ވާހަކަ ދައްކަން ފެށިއެވެ.
" މިރޭ ހާދަ އަބުއި ގޮތަކަށް ތި އުޅެނީ؟ އަހަރެންދެކެ ކަމަކާ ހިތްހަމަ ނުޖެހިފައިތަ؟" ހަސަން އެހިއެވެ.
" އަހަރެން ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް ކުރެވެންޏާ ހަސަންއަށް އެނގޭނެއެއްނު." މަރިޔަމްއަށް ޖަވާބު ދެވުނީ ރުންކުރު ގޮތަކަށެވެ.
" އައްދެ. ހާދަ ރުޅި އައިސް. މަރިޔަމް ހިތްހަމަނުޖެހޭ ކަމެއް އަހަރެން ނުކުރާނެއެއްނު. އެހެން ނޫނަސް އަހަންނަށް އިތުރު ކަމެއް ކުރެވޭނެ ވަގުތެއް އޮވޭތަ؟" ހަށިގަނޑު ތެދުކޮށްލަމުން ހަސަން ބުންޏެވެ. އޭރު ވެސް މަރިޔަމް އޮތީ ހަސަނަށް ފުރަގަސް ދީގެންނެވެ.
" ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ އެ ކަމަކަށް ތިމާ ވަގުތު ހޯދާނެ. އެއީ ރޭގަނޑަސް، ދަންވަރަށް ވިޔަސް އަދި ފަތިހަށް ވިޔަސް." މަރިޔަމް ބުންޏެވެ.
މަރިޔަމް ދައްކާ ވާހަކަތަކުން ހަސަން ވަރަށް ބޮޑަށް ޖެހިލުން ވެއްޖެއެވެ.
" އަހަރެން ކީއްކުރީތަ؟ " ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ހަސަން ސުވާލު ކުރިއެވެ.
ނުނިމޭ
ވާހަކަ ގެނެސްދޭ ދުވަސްތަކަށް ބަދަލެއް: މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!