ނ.ފޮއްދޫގައި 6 މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ.
ފޮއްދޫގައި ޖުމްލަ ގޮތެއްގައި 344 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުތައް ތަރައްްޤީވުމުން އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ދެކެއެވެ.
އެގޮތުން ރަށުގައި ތަރައްޤީ ކުުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ޕޮލިސް ޕޯސްޓެއް ބިނާކުރުމާއި، ހެލްތް ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމާއި، އެއްބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރުމާއި، އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއްގެ އިތުރުން ރަށުގެ ބަނދަރު ތަރައްްޤީކުރުން ހިމެނެއެވެ.
އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމާފައިވެއެވެ. އެގޮތުން މި ކުންފުންޏަކީ ދިވެހި ރައްޔިތުންގެ އާންމު ދަތުރު ފަތުރުގެވެސް އެންމެ މުހިންމު ބައިވެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!