އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަ ކުރެވިފައިވާތީ އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ. މީގެ ތެރޭގައި ފިޝިންގ މެސެޖްތަކާއި އީމެއިލްތައް، ކްރެޑިޓް ކާޑު ސްކޭމްތައް، އަދި 2-ޑީ ކާޑު ސްކޭމްތައް ހިމެނެއެވެ.
"ފިޝިންގ މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެއް"
ފުލުހުން ބުނެފައިވެެއެވެ.
ކްރެޑިޓް ކާޑު ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި 2-ޑީ ކާޑުތަކަށް އިތުރު އޮރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވޭކަންވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.
މި ސްކޭމްތަކުން ރައްކާތެރިވުމަށް، އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ.
- ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން.
- ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުން.
- "ޕާރސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުން.
- ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން.
- ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް ތިރީގައިވާ ފިޔަވަޅުތައް އެޅިދާނެއެވެ.
- އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން.
- ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.
- އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުން.
- އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުން.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!