ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކުރި މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ.
މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރި މައްސަލަ އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އޭރު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އެ މައްސަަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޝަމްއާން 15 ދުވަހަށް ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތްއިރު, އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!