މާލެ ބޮޑުތަކުރުފާނު ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

މި މަޝްރޫޢުގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދުގައި ތާރުއަޅައިގެންނެވެ. އަދި މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް ރޯޑް މާރކިން އަދި ސައިން ބޯޓް ހަރުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަވަން ނިންމެވިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވީ، މާލޭގެ ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ހުޅުވުމަށް މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

''އާދެ، މި ސަރަޙައްދުގެ ވާހަކަ ދައްކާއިރު އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިތިބި މަގު. މި މަގު ތަރައްޤީކުރުމުގެ މަސައްކަތް، ރަމަޟާން މަސް ނިމޭތަނުން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި މަސައްކަތް ހަވާލުކުރަން މިހާރު ވާނީ ނިންމާފައި. އެމް.ޓީ.ސީ.ސީ. ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭ.ގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓު ބިނާކުރާނެ، މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމަޔަށް، މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.'' އެރޭ ރައީސް ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.