ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކާއި އިންޓަ މިލާން ވާދަކުރި މެޗު އިންޓައިން ކާމިޔާބު ކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ރޭ އިންޓައިން ބަޔާން ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ރަށުން ބޭރުގައި ހޯދި މި މޮޅާއިއެކު އިންޓައިން ވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ.
މެޗުގައި އިންޓަ އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހައިދީ ލީޑު ނަގައިދިނީ ކެޕްޓަން، ލައުޓާރޯ މާޓީނޭޒްއެވެ. މިއީ، މެޗުގެ 38 ވަނަ މިނިޓްގައި މާކަސް ތުރަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާ ޖަހާފައިވާ ލަނޑެކެވެ.
މެޗުގެ ބޮޑުބައިގައި އިންޓަ އިން ލީޑުގައި އޮތްއިރު، ބަޔާނުން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި އޮއްވަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ބަޔާންގެ ކޮންރަޑް ލައިމާ ނަގައިދިން ބޯޅަ ތޯމަސް މުލާ ވަނީ ގޯލަށް ވައްދާލައިފައެވެ. މިއީ، މި ސީޒަނަށް ފަހު، ބަޔާން ދޫކޮށްލަން ނިންމާފައިވާ މުލާ އެ ޓީމަށް ޖަހައިދިން 248 ވަނަ ގޯލެވެ. ބަޔާނުން އެއްވަރުކުރިތާ ތިން މިނިޓް ފަހުން، އިންޓަ އިން ވަނީ އަލުން ލީޑުނަގާފައެވެ. އެ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީ ބަދަލަކަށް ކުޅެން އެރި، ޑަވިޑޭ ފްރަޓެސީ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ރޭ މެޗު ކުޅުނު ބަޔާންގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައެވެ. އަމިއްލަ ދަނޑުގައި ފައިނަލް މެޗު ކުޅުމުގެ އުންމީދު ބަޔާނުން ދަމަހައްޓަން ބޭނުންނަމަ އަންނަ ހަފްތާގައި އިންޓަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކާމިޔާބުކުރުން މަޖުބޫރެވެ.
ރޭ ބައްޔަކީ ބަޔާނުން އަމިއްލަ ދަނޑުގައި މި ހަތަރު އަހަރުތެރޭ ޗެމްޕިއަންސް ލީގު މެޗެއްގައި ވީ ފުރަތަމަ ބައްޔެވެ. އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 22 މެޗު ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!