ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Ad
rt

އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ގާއިމްކުރާނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ތިން ކުންފުންޏަކާއެވެ. އެއީ ޖޭވީ އޮފް ޝިޖިއާޒުއަންގް ކެލިން އިލްކެޓްރިކް ކޯ ލިމިޓެޑް، ގޯޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސައިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑްއެވެ.

މި މަޝްރޫޢުގެ ދަށުން ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓޭ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ނ. ވެލިދޫ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، ބ. ދަރަވަންދޫ، ބ. ތުޅާދޫ، މ. މުލަކު، މ. މުލި، މ. ވޭވަށް، މ. ރަތްމަންދޫ، ތ. ގުރައިދޫ، ތ. ތިމަރަފުށި، ގއ. މާމެންދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. ގައްދޫ ހިމެނެއެވެ. މި ރަށްތަކުގައި ބެހެއްޓޭ ސިސްޓަމްަމްތަކުގެ ކެޕޭސިޓީ 500 ކިލޯވޮޓުން ފެށިގެން 3،000 ކިލޯވޮޓާ ހަމައަށް ތަފާތުވެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، މި ސިސްޓަމްތައް ބެހެއްޓުމުން ގްރިޑް ސްޓެބިލައިޒްކުރުމަށް މަގުފަހިވެ، އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުސަތު ފަހިވާނެއެވެ. މީގެ އިތުރުން، "މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގެ އާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ލިބޭނެ އިގްތިސާދީ ފައިދާތަކުގެ ތެރޭގައި އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެ މިންވަރެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކަރަންޓުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.