ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއިއެކު، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރާތްކޮށް، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ސްކޫލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ކިޔުއްވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ފެށުނު ދިރާސީ އައު އަހަރު 2025 ގައި، ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލުގައި ޖުމްލަ 2832 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލް ކުރަމުންނެވެ.
ކިޔަވައިދިނުމަށް އެކަށީގެންވާ މިންވަރަށް މުދަރިއްސުންނާއި މި އަހަރު ދަރިވަރުންނަށް ފޮތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ދިމާވެފައިނުވާކަމަށް ސްކޫލްތަކުން މޭޔަރުގެ މި ޒިޔާރަތުގައި ފާހަގަކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ތިން ސްކޫލްގައި މިއަހަރު ސްކޫލްތަކުގައި މުޅި ޖުމްލަ 328 ޓީޗަރުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 39 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ.
ސިޓީ ކައުންސިލުން ބުނީ، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އަހަރަކަށް ވުރެއް އަހަރެއްގައި އިތުރުވަމުންދާއިރު، ތިން ސްކޫލަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާއި، ސްކޫލްތަކުގައި އިމާރާތްކުރަން ފަށާފައިވާ ކްލާސްރޫމްތަކާއި އިންފްރާސްޓްރަކްޗަރގެ މަސައްކަތް އެކަށޭނަ ހަލުވިމިނެއްގައި ކުރިއަށް ނުދިޔުންކަން ސްކޫލްތަކުން ފާހަގަކުރިކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މިއަހަރު ކުޅުދުއްފުށީ ސިޓީގެ ދެ ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ އަފީފުއްދީން ސްކޫލްގައާއި ޖަލާލުއްދީން ސްކޫލެވެ.
މިއަހަރު އަލަށް ޖަލާލުއްދީން ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ހަމަޖެހިފައިވާއިރު ގުރޭޑް 12-1 އަށް ޖުމްލަ 779 ދަރިވަރުން ތައުލީމު ހާސިލުކުރާނެއެވެ. އަދި އަތޮޅު ތެރޭގެ ސްކޫލް ތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ސްކޫލެއް ކަމަށްވާ އަފީފުއްދީން ސްކޫލަށް އަލަށް 115 ދަރިވަރުން ވަދެފައިވާއިރު މި ސްކޫލުގައި މުޅި ޖުމްލަ 1024 ދަރިވަރުން ތައުލީމު ހާސިލު ކުރާނެއެވެ. އެއީ ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 1 ން 10 އަކަށެވެ. މި ދެ ސްކޫލުގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަމެވެ.
ރަށުގައި ދެން ހުންނަ ސަރުކާރު ސްކޫލަކީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 1 އިން 10 އަކަށްް އެއްދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލެކެވެ. ނަމަވެސް މި ސްކޫލުންވެސް ހުށަހަޅާފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޖާގައިގެ ދަތިކަމުގެ މައްސަލަ އެވެ. އަދި ފަހުން ސްކޫލުގައި އިމާރާތްކުރަން ފެށި އައު އޮފީސް އިމާރާތުގެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފައެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާތިފް ވަނީ ދަރިވަރުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައި، ޤައުމު ބިނާކުރުމާއި އަންނަން އޮތް ޖީލު ބިނާކުރުމަށް މުދައްރިސުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!