އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި، މެންޗެސްޓާ ޑާބީ މެޗު އެއްވަރުވިއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލް، ފުލަމްގެ އަތްދަށުވެއްޖެއެވެ.

ރޭ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސިޓީންނެވެ. މި މެޗުގައި ސިޓީއަށް ލަނޑު ޖަހައިދޭން އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުސިޓީ އާއި ގުޅުނު މިސްރުގެ ފޯވަޑް އުމަރު މަރްމޫޝްއަށެވެ. އޭނާ އަށް ލިބުނު ދެ ފުރުސަތުގެ ވެސް ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލުކީޕަރ އޮނާނާއެވެ.

ޔުނައިޓެޑަށް ލަނޑު ޖަހައިދޭން ރަނގަޅު ފުރުސަތެއް ޖޯޝުއާ ޒިކްޒީ އަށް މެޗުގެ ދެވަނަ ހާފުގައި ވަނީ ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުންވެސް ލަނޑު ޖަހަން ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެ ޓީމަށް ވަނީ ހިފޭ ގޮތް ނުވެފައެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލް ރޭ ވަނީ ރަށުން ބޭރުގައި ފުލަމް އަތުން 3-2 ގެ ނަތީޖާއިން ބަލިވެފައެވެ.

ފުލަމް އަތުން ލިވަޕޫލް ބަލިވުމާއިއެކު ޕްރިމިއާ ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 26 މެޗަށްފަހު ނިމުނަކަށް އައިސްފައެވެ.

ސީޒަން ފެށިގެން ލިވަޕޫލްގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ފަހުން އެ ޓީމްގެ ފޯމަށް ވަނީ އަސަރުކޮށްފައެވެ. ފުލަމް އަތުން ލިވަޕޫލް ލީގުގައި ރޭ ބަލިވެފައިވާއިރު އެ ޓީމު ވަނީ ދާދި ފަހުން އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ނިއުކާސަލް އަތުންވެސް ބަލިވެފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވަނީ ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މި މެޗުގެ 14 ވަނަ މިނިޓުގައި ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 9 މިނިޓު ފަހުން ފުލަމްގެ ރަޔާން ސެސެގްނަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ 32 ވަނަ މިނިޓުގައި އެލެކްސް އިވޯބީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފަ އެވެ. ފުލަމް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިގޯ މުނީޒްއެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 3-1 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮތުމާއެކު ދެވަނަ ހާފުގައި ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ލުއިސް ޑިއާޒް އާއި ޑާވިން ނޫނޭޒްގެ އިތުރުން ހާވޭ އެލިއޮޓް ވަނީ ކުޅެން އަރުވާފަ އެވެ.

މި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވި ނަމަވެސް ގިނަ ލަނޑު ތަކެއް ޖަހާ މެޗުން ތިން ޕޮއިންޓު ހޯދޭ ގޮތް ލިވަޕޫލް އަށް ވަނީ ނުވެފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލުއިސް ޑިއާޒް އެވެ.

މި މެޗުތަކަށް ފަހު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ތާވަލުގެ 5 ވަނާގައި އޮތީ 31 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 31 މެޗުން ލިބިފައިވަނީ އެންމެ 38 ޕޮއިންޓެވެ.