ސްޕެނިޝް ކަޕް / ކޮޕް ޑެލް ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ދިޔައީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅުނީ އެތުލެޓިކޯގެ ދަނޑުގައެވެ. ރޭ މެޗަށް ނުކުތްއިރު ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެކެވެ. ރޭ މެޗު ބާސާއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. ބާސާ ފައިނަލުން ޖާގަ ކަށަވަރުކުރީ 5-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

ރޭ މެޗުގައި ދެ ޓީމުން ވެސް ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުޅުނުއިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ހޯދިފައިނުވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 27 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލެމީން ޔަމާލް ދިން ހިތްގައިމު ޕާހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. ރޭ އެތުލެޓިކޯއަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައި ކުޅެންއެރި ސޯލޯތުއއަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މި މުބާރާތުގެ ފައިނަލުގައި ބާސާއާއި ދެކޮޅަށް ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑެވެ. މިއީ މި ދެ ޓީމު މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާ އަށްވަނަ ފަހަރެވެ. މި މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.