އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް ދަތުރެއް ކުރަން ނިންމައިފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފްތާގައި ހަންގޭރިއަށް ދަތުރެއް ކުރާނެ ކަމަށް އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފައިވާއިރު، މި ދަތުރު ކުރަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް އިންކާރުކޮށްފައެވެ.

Ad
rt

މި ދަތުރުގައި ނަތަންޔާހޫ ބައްދަލުކުރާނީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންއާއެވެ. އޯބަން ނަތަންޔާހޫއަށް ދަޢުވަތު ދެއްވާފައިވަނީ އައި.ސީ.ސީން ހައްޔަރު އަމުރު ނެރުނު ދުވަސްވަރުއެވެ. އެ ދުވަސްވަރު އޯބަން ވިދާޅުވެފައިވަނީ އެ އަމުރަށް ޢަމަލުނުކުރާނެ ކަމަށެވެ.

ހަންގޭރިއަކީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމަކަށް ވުމާއެކު، އައި.ސީ.ސީގެ މެންބަރު ޤައުމެކެވެ. އެހެންކަމުން އައި.ސީ.ސީގެ އަމުރުތަކަށް ޢަމަލުކުރުމަކީ އެ ޤައުމުގެ ޒިންމާއެކެވެ. ނަމަވެސް އޯބަންއަކީ ޔޫރަޕިއަން ޔޫނިއަންއާ އިދިކޮޅު ވިސްނުންތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ.

މި ދަތުރާ ގުޅޭގޮތުން ހަންގޭރީގެ ފަރާތުން އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ. އައި.ސީ.ސީން ހައްޔަރު އަމުރު ނެރުނު ފަހުން ނަތަންޔާހޫ ކުރާ ދެވަނަ ބޭރު ދަތުރަކީ މިއީއެވެ. ފުރަތަމަ ދަތުރު ކުރީ ފެބްރުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ވޮޝިންގްޓަނަށެވެ.

އިޒްރޭލުން ވަނީ ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ނެރެފައިވާ ހައްޔަރު އަމުރުތަކަށް ފާޑުކިޔާފައެވެ. އަދި އެ ތުހުމަތުތަކަކީ "ދޮގު އަދި ބޭކާރު" ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އައި.ސީ.ސީން ވަނީ ހަމާސްގެ އިސްވެރިއެއް ކަމަށްވާ އިބްރާހިމް އަލް-މަސްރީ ހައްޔަރުކުރުމަށްވެސް އަމުރެއް ނެރެފައެވެ.