ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުގައި ބާއްވާފައިވާއިރު، މާލޭގައި ބޭއްވި ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުންވެސް ބައިވެރިވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކިޔުން އޮތެެވެ.

މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ.