ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑްގައި ތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށާއި، މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މަޢުލޫމާތެއް އަދި ލިބިފައިނުވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި، ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ތައިލޭންޑްގައި ތިބި ހުރިހާ ދިވެހިންގެ ޙާލު ރަނގަޅުކަމަށް ޚަލީލް ވިދާޅުވިއެވެ.
"ތައިލޭންޑްގައި ތިއްބެވި ކަމަށް މިހާހިސާބަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު. އެހެންނަމަވެސް މިޔަންމާގައި ދިވެއްސަކު ހުންނެވިކަމަށް އަދި މަޢުލޫމާތު ލިބިފައެއް ނެތް،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ދިވެހިން ތިބިނަމަ، އެކަން ރިޕޯޓުކުރުމަށް ޚާރިޖީ ވަޒީރު އިލްތިމާސް ކުރައްވާފައިވެއެވެ. މިގޮތުން ތައިލޭންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަންބަރު +66611766502 (ވަޓްސްއަޕް އަދި ވައިބަރ އިން ވެސް ގުޅޭނެ) އަދި ޚާރިޖީ ވުޒާރާގެ ނަންބަރު +9607983400 އަށް ގުޅުމަށް ވަނީ އެދިފައެވެ.
މިޔަންމާ އަދި އެ ގައުމާ އިންވެގެންވާ ތައިލެންޑުގައި ކުރިމަތިވި ވަރުގަދަ ބިންހެލުމެއްގެ ސަބަބުން މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރާފައިވާކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، މިޔަންމާގެ ކުރީގެ ވެރިރަށް މަންޑަލޭގެ ބޭރުގައި ރިކްޓަރ ސްކޭލްގައި 7.7 ގެ ބިންހެލުމެއް ހުކުރު ދުވަހުގެ މެންދުރު 12:50 ގައި (ދިވެހިރާއްޖޭގެ ގަޑިން 06:20 ގައި) އައިސްފައިވެއެވެ. އަދި އޭގެ މިނެޓުތަކެއް ފަހުން ރިކްޓަރ ސްކޭލްގައި 6.4 ގެ އާފްޓަރޝޮކެއްވެސް އައިސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!