މިޔަންމާ އަދި އެ ގައުމާ އިންވެގެންވާ ތައިލެންޑުގައި ކުރިމަތިވި ވަރުގަދަ ބިންހެލުމެއްގެ ސަބަބުން މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިފައިވެއެވެ.

މިޔަންމާގެ ސަރުކާރުގެ ޓީވީ ޗެނަލް އެމްއާރްޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެ ގައުމުގައި މަދުވެގެން 144 މީހުން މަރުވެ، 732 މީހުންނަށް އަނިޔާވެފައިވެއެވެ. މި ބިންހެލުން ތައިލެންޑަށްވެސް އަސަރުކޮށް، އެ ގައުމުގެ ވެރިރަށް ބެންކޮކުގައި މަދުވެގެން 9 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފައިވެއެވެ.

Ad
rt

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، މިޔަންމާގެ ކުރީގެ ވެރިރަށް މަންޑަލޭގެ ބޭރުގައި ރިކްޓަރ ސްކޭލްގައި 7.7 ގެ ބިންހެލުމެއް ހުކުރު ދުވަހުގެ މެންދުރު 12:50 ގައި (ދިވެހިރާއްޖޭގެ ގަޑިން 06:20 ގައި) އައިސްފައިވެއެވެ. އަދި މީގެ މިނެޓުތަކެއް ފަހުން ރިކްޓަރ ސްކޭލްގައި 6.4 ގެ އާފްޓަރޝޮކެއްވެސް އައިސްފައިވެއެވެ.

މިޔަންމާގެ މިހާރުގެ ވެރިރަށް ނައިޕިޑޯގެ ފޮޓޯތަކުން ދައްކާ ގޮތުގައި، ސިވިލް ސަރވަންޓުން ދިރިއުޅޭ ގިނަ އިމާރާތްތަކެއް ވަނީ ބިންހެލުމުގެ ސަބަބުން ހަލާކުވެފައެވެ. އަދި ސަލާމަތްކުރާ ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ނަގަމުންނެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުގެ އިސްވެރިޔާ ޖެނެރަލް މިން އައުންގ ހްލައިންގ ވިދާޅުވެފައިވަނީ މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެހީތެރިކަމާއި އެހީ ފޯރުކޮށްދިނުމަށް "ކޮންމެ ގައުމަކަށްވެސް" ދަޢުވަތު ދެއްވާފައިވެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ޓޯނީ ޗެންގ ބުނެފައިވަނީ، މި ސަރަޙައްދުގައި ކުރިން އައި ބިންހެލުންތަކުގައި ވެސް މިހާ ވަރުގަދަ ބިންހެލުމެއް އިހުސާސްކުރެވިފައެއް ނުވާ ކަމަށެވެ. ބިންހެލުން އައި ވަގުތު އޭނާ ހުރީ ނައިޕިޑޯގައި ހުންނަ މިޔަންމާގެ ޑިފެންސް ސަރވިސަސް މިއުޒިއަމްގެ ބޭރުގައެވެ.

މިޔަންމާއަކީ މިފަދަ ބިންހެލުންތައް މީގެ ކުރިންވެސް އަންނަ ގައުމެކެވެ. 2016 ވަނައަހަރުވެސް މިފަދަ ބާރުގަދަ ބިންހެލުމެއްގައި އެތައްބަޔަކު މަރުވެ އެތައް އިމާރާތްތަކެއްވަނީ ބިމާހަމަވެފައެވެ.