ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ.
މިރޭ ހަނދު ބަލަން ތައްޔާރުވެފައިވާއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން ކަމަށެވެ.
"އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވެއެވެ. އެ ވިދާޅުވުމަށް ބާރުދެއްވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާއި، އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެގަޑީގައި ކަމަށް މައުމޫން ވިދާޅުވިއެވެ.
ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ.
— Maumoon Abdul Gayoom (@maumoonagayoom) March 28, 2025
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށްވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެ ކަމަށް ބެލެވޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
އެހެންނަމަވެސް، މި މައުޟޫއުގައި ތަފާތު ޚިޔާލެއްގެ ގޮތުގައި ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު އާންމު ކުރެއްވި ތަފްސީލީ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ރޯދަމަހު ހަނދު ރާއްޖެއަކަށް ނުފެންނާނެ ކަމަށެވެ. ޑރ. ޙަސަން ޙަމީދުގެ ހިސާބުތަކުން ދައްކާގޮތުގައި، އައު ހަނދު އުފަންވަނީ މާލޭގަޑިން ހަވީރު 3:57 ގައެވެ. ހަނދު އޮއްސޭ ގަޑިއަކީ 6:14 ގައެވެ. އަދި އެ ދުވަހު އިރު އޮއްސެނީ ވެސް 6:14 ގައި ކަމަށް ލިޔުއްވާފައިވެއެވެ.
ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދު ނުފެންނާނެ ކަމަށް ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވެއެވެ. އަދި ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަގުތު ކުރުވުމަކީ ވެސް ހަނދު ނުފެންނާނެ އިތުރު ސަބަބެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ޑރ. ޙަސަން ޙަމީދު ލިޔުއްވާފައި ވަނީ 2025 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަސް ކަމަށެވެ.
މި މައުޟޫއުގައި ތަފާތު ޚިޔާލުތައް ހުރިއިރު، ރަސްމީކޮށް ހަނދު ސާބިތުކުރުމާމެދު ގޮތް ނިންމާނީ އިސްލާމިކް މިނިސްޓްރީން ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މިރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!