ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލާގައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 21 ވަނަ ދުވަހު 15:55 ހާއިރު، ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމް ގަސްކަރަ/ނ. ވެލިދޫ، ވަނީ ކޯޓު އަމުރެއްގެ ދަށުން 26 މާރިޗް 2025 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

އެނގިފައިވާގޮތުގައި އައިހަމްއަކީ ވީއައިއޭގައި ޑިއުޓީ އަދާކުރާ ސިފައިންގެ މީހެކެވެ.

މީނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކޮގެން ތަހުގީގު ކުރުމުގެ އަމުރެއް ވަނީ ދީފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހްގީގުކުރަމުން އަންނައިރު ފުލުހުންގެ އޮފިސަރަކާއި އިތުރު މީހަކު ވީއައިއޭގެ ޑިޕާޗަރ ޓަރމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި މި ދެ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި 26 މާރިޗް 2025 ފެށިގެން މުސާރަ ނުހިނގާގޮތަށް މި އޮފިސަރ ވަނީ ސަސްޕެންޑްކޮށްފައެވެ.