އިސްރާއީލް ސަރުކާރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލް ސަރުކާރުން ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުރުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިޢުލާނުކޮށްފައިވެއެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ މިފަދަ ޢަމަލުތަކަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިއީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފަވެއެވެ.
ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ޤާއިމުކުރެވުމުން ކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!